Saturday, March 23, 2013

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ

އުނގެނުމަކީ އިންސާނާގެ ވިސްނުމާއި ޖަޒުބާތާއި މާހައުލުގެ ނުފޫޒާއި ތަޖުރިބާގެ ސަބަބުން މީހާގެ ޢިލްމަށް ނުވަތަ އޭނާގެ ސުލޫކަށް ގެންނަ ދާއިމީ ބަދަލެކެވެ. ދަރިވަރުންނަށް އަންނަ މިފަދަ ބަދަލު ތަކަކީ ކޮންމެ މުދައްރިސަކަށްވެސް އެނގެން ޖެހޭނެ އެއްޗެކެވެ. އެއީ، އެ ދަރިވަރުންނަށް ބޭނުންވާ ޢިލްމު އޭގެ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށް ދިނުމަށްޓަކައެވެ. އެގޮތުން، އުނގެނުމުގެ ނަޒަރިއްޔާތުތައް ނުވަތަ ލަރނިންގެ ތިއަރީ ތަކަކީ، ދަރިވަރުންގެ ޢިލްމާއި ސުލޫކަށް އަންނަ ބަދަލުތައް ދެނެގަތުމުގައި މުދައްރިސުންނަށް އޭގެ ބޭނުންތެރިކަން ވަރަށް ބޮޑު ތިއަރީތަކެއްކަމުގައި ވެއެވެ. އެހެންކަމުން މި މަސައްކަތުގައި އަޅުގަނޑު ކިޔަވައިދިނުމުގައި ގެންގުޅޭނެ ފަލްސަފާ ހުށަހަޅާލާފައިވާނީ މި  ލާރނިންގ ތިއަރީތަކާއި އަދި މިއިން ކޮންމެ ތިއަރީއެއްގެވެސް ވަރުގަދަ އަދި ނިކަމެތި ޕޮއިންޓްތަކަށް ވިސްނުމަށްފަހުގައެވެ.  
ބިހޭވިއަރަލް ލާރނިންގ ތިއރީގައި ބީ އެފް ސްކިނަރ ތަޢާރަފު ކޮށްފައިވާ "އޮޕަރަންޓް ކޮންޑިޝަނިންގ" މި މަފުހޫމުގައި ވާ ގޮތުން، އުނގެނުން ބިނާވެފައި ވަނީ އެކަމަށް އަސަރުކުރުވާ ކަމެއްގެ ނަތީޖާއެއްގެ (ސީކުއެންސް) ސަބަބުންނާއި، އެކަމަށް އަސަރުކުރުވާ ކަންތައްތަކެއްގެ (އެންޓިޑިސިޑެންޓްސް) ސަބަބުންނެވެ. އެގޮތުން، އުނގެނުމަށް އަސަރުކުރުވާ ކަންތައްތަކުގެ ތެރޭގައި ތަރުހީބު ދިނުމާއި (ވަކިކަހަލަ ބިހޭވިއަރއެއް އިތުރުވުމަށް ނެގެޓިވް އަދި ޕޮޒިޓިވް ރެއިންފޯސްމެންޓް ދިނުމާއި)، އަދަބު ދިނުން (ވަކިކަހަލަ ބިހޭވިއަރއެއް ދަށްކުރުމަށް ޕޮޒިޓިވް އަދި ނެގެޓިވް ޕަނިޝްމަންޓް ދިނުން) ހިމެނެއެވެ. އެހެންކަމުން މި ތިއަރީގެ އެހީގައި ސްކޫލާއި ކްލާސްރޫމުގައި ދިމާވާ އެކިއެކި ކަންކަން ބަލާ ދިރާސާކޮށް ދަރިވަރުންގެ އުނގެނުމާއި ސުލޫކަށް އެންމެ އެދެވޭގޮތެއްގައި ބަދަލުގެނައުމަށް މަސައްކަތް ކުރެވޭނެއެވެ. މި ތިޔަރީގެ އެހީގައި ކުލާސްރޫމުގައި ކުދިންގެ އުނގެނުން ކުރިއަށް ގެންދެވިދާނެ ނުވަތަ ދަރިވަރުންގެ ކިބައިގައި ހުންނަ އުނގެނުމުގެ ސްލޫކަށް ހިތްވަރު ދިނުމުގެ ގޮތްތަކުގެ ތެރޭގައި ދަރިވަރުންނަށް ސަމާލުކަން ދިނުމާއި، އެ ކުދިން ކުރާ ކަންތައްތަކަށް ތަޢުރީފު ކުރުމާއި، ޕްރިމެކް ޕްރިންސިޕަލްއާއި، ބައްޓަން ކުރުމާއި، ޕޮޒިޓިވް ޕްރެކްޓިސްގެ ބޭނުންހިފައިގެން ހުނަރެއް ނެތް ދަރިވަރެއްވެސް، ވަކިގޮތަކަށް އެ ދަރިވަރު ހާނުވައިގެން އެ ހުނަރެއް އޭނާގެ ކިބައިގައި އެ ހުނަރެއް އަށަގެންނެވުމަށް މަސައްކަތް ކުރެވޭނެއެވެ.  
ކޮގްނިޓިވް ލާރނިންގ ތިއަރީގެ ތިއަރިސްޓުން ހާމަކުރާގޮތުގައި މި ތިއަރީގައި އުނގެނުން ބިނާވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވައިލެވިގެންނެވެ. އަދި މި ގުޅުވައިލެވޭ ގުޅުވައިލުން އޭނާގެ ވިސްނުމަށާއި ސްލޫކަށްވެސް ބަދަލު ގެނުވާކަމަށް ވެއެވެ. އެހެންކަމުން މަޢުލޫމާތު އަބަދުވެސް ތާޒާކޮށް ބެހެއްޓުމަށްޓަކައި އުނގަންނައިދެމުން ދާއިރު، ދަރިވަރުންނަށް އުނގެނޭ މަޢުލޫމާތުތަކުގެ އެއްބައި އަނެއްބައިގެ ގުޅުންތައް ފާހަގަކޮށް ކުރިން އެނގިފައިވާ ބައިތަކާއި އަލަށް އެނގެމުންދާ ބައިތައް ގުޅުވަން ހިތްވަރު ދިނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން، ކޮންމެ ދުވަހެއްގެވެސް ފިލާވަޅުގައި ކުރީ ގަޑީގެ ފިލާވަޅާބެހޭގޮތުން ސުވާލު ކުރެވޭނެއެވެ. އަދި އެއް ފިލާވަޅު އަނެއް ފިލާވަޅާ ގުޅިގެން ދާ ގޮތަކަށް ފިލާވަޅު ރާވާ، ދަރިވަރުންގެ ޙަރަކާތްތެރި ރޯލެއް ހިމެނޭގޮތަށް އުނގެނުމަށް ފުރުޞަތު ދީ، އަދި އުނގެނުމުގެ ހަރަކާތްތައް ބޭނުން ކުރެވޭނެ ތަފާތު ޙާލަތްތަކާ ގުޅުވައިގެން ފަސޭހައިން ހަނދާނަށް ގެނެވޭފަދަ ކަންތައްތަކެއްގެ ތެރެއިން ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެއެވެ. ހަމައެހެންމެ، ދަރިވަރު ކިޔަވާ ބައިތަކާ ބެހޭގޮތުން މަޝްވަރާކޮށް ވާހަކަ ދައްކައި ފަރިތަކުރުމަށް ފުދޭވަރަށް ވަގުތު ދިނުމަކީވެސް ލޯންގް ޓާރމް މެމޮރީގައި މަޢުލޫމާތު ރައްކާކުރުމަށް ދެވޭ ފުރުޞަތަކަށް ވާތީ މިފަދަ ފުރުޞަތުތައް އެންމެ އެކަށޭނަގޮތުގައި ކުދިންނަށް ހޯދައިދެވޭނެއެވެ.
ސޯޝިއަލް ކޮގްނިޓިވް ލާރނިންގ ތިއަރީއާއި އެއްގޮތަށް ކުލާހުގައި ކިޔަވައިދޭއިރު، މާހައުލާއި އެކުއްޖެއްގެ ވިސްނުމާއި ސްލޫކް ގުޅުވައިގެން އުނގަންނައިދިނުން ކުރިއަށް ގެންދެވޭނެއެވެ. އަދި ކިޔަވައިދޭ ބައިތަކާއެކު އެބައިތައް ދަސްކުރާނެގޮތާއި ފަރިތަކުރާނެ ގޮތްތައް ބުނެދީގެން އެހެން ކުދިންނާ އެކު އަޅުގަނޑު ނަމޫނާ ދައްކައިގެން ކުރިއަށް ދިއުމުން އަމަލީގޮތުން ކަންތައް ކުރާނެ ގޮތްވެސް ދަސްކޮށްދެވޭނެއެވެ. އަދިހަމައެހެންމެ ކުދިން އުނގެނޭ އެއް ގޮތްކަމުގައިވާ ސެލްފް ރެގިއުލޭޝަންގެ ސަބަބުން ދަރިވަރުން ޙާޞިލުކުރަން ބޭނުންވާ ގޯލާ ހަމައަށް ވާޞިލުވުމަށްޓަކައި ވިސްނުމާއި ސުލޫކު އަދި އިހުސާސްތައް ވަކިގޮތަކަށް ކޮންޓްރޯލު ކުރުމަށް އެހީތެރިވެދެވޭނެއެވެ. މީގެއިތުރުން އުނގެނުމުގެ ތަފާތު ހުނަރުތަކާއި އަމިއްލަ ނަފުސު ކޮންޓްރޯލު ކުރުމުގެ ޤާބިލުކަންލިބި، އެކުދިންގެ ކިބައިގައި ކިޔެވުމުގެ ހުނަރާއި އުނގެނުމުގެ ޢަޒުމު އަށަގެންނެވުމަށް މަސައްކަތް ކުރެވޭނެއެވެ.
އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް އައު އެއްޗެހި ދަސްކޮށްދިނުމަށްޓަކައި ކޮންސްޓްރަކްޓިވިސްޓް އުސޫލުތަކާ އެއްގޮތަށް ތަފާތު މައްސަލަތައް ދަރިވަރުންނަށް މެދުވެރިކުރުވައި އެއަށްފަހު އެ މައްސަލަތައް ހައްލުކުރާނެ ތަފާތު އުކުޅުތަކާއި ގޮތްތަކަށް މަގު ދައްކައި އެ ކުދިން އަމިއްލައަށް މައްސަލަ ހައްލުކޮށް ސުވާލުތަކަށް ޖަވާބު ހޯދުމަށް ފުރުޞަތު ދެވޭނެއެވެ. މިފަދަ ކުލާސް ރޫމެއްގައި ގައިޑެޑް ޑިސްކަވަރީކޮށާއި އިންކުއަރީކޮށާއި ކޯޕަރޭޓިވް ލާރިންގއަށާއި ކުލާސްރޫމް ޑިސްކަޝަންއަށް ފުރުޞަތު ދެވޭގޮތަށް އުނގެނުން ބައްޓަން ކުރެވިގެންދާނެއެވެ. މީގެއިތުރަށް މަޢުލޫމާތުތަކެއް އަމިއްލައަށް ހޯދައިގެން އެމީހުންގެ އަމިއްލަ މަސައްކަތް އިތުރުކޮށް (އިންކުއަރީ) ކުދިންނަށް ފުރުޞަތު ލިއްބައިދީ، ކްލާސްރޫމުގައި ޚިޔާލު ހުށަހެޅުމާއި އެހެންކުދިން ދައްކާ ވާހަކަ ކަނުލާއަހަން އިނުން ފަދަ ރީތި އާދަތައް ދަސްކޮށްދެވޭނެއެވެ.

Sunday, March 17, 2013

ލަރނިންގ ތިއަރީސް



މުދައްރިސުންނަކީ އަބަދުވެސް ކުދިންގެ އުނގެނުމަށް ފަހިވާގޮތްގޮތަށް، އެމާހައުލަކާ ގުޅުވައިގެން ފިލާވަޅު ބިނާކުރުމަށް މަސައްކަތްކުރާ ބައެކެވެ. މިގޮތުން އުގަންނައިދިނުމުގެ ތަފާތު ތިއަރީތަކާއި ގޮތްތައް ބޭނުންކޮށްގެން އުގަންނައިދިނުން ފަރުމާކޮށް ކުރިޔަށްގެންދިއުމަކީ އުގަންނައިދިނުމުގެ ފެންވަރު ރަނގަޅުވެ ދަރިވަރުން ޙާސިލުކުރާވަރު މަތިވެގެންދާނޭ ކަމެކެވެ.
ލާރނިންގ ތިއަރީތަކަކީ އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅުން ހުރި ތިއަރީ ތަކެކެވެ. މިގޮތުން ބިހޭވިއަރަލް ލަރނިން ތިއަރީއާއި  ސޯޝަލް ކޮގްނިޓިވް ލަރނިންގ ތިއަރީގައި މާހައުލާ ގުޅިގެން ސުލޫކަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރެވެއެވެ. އަދި މިތިއަރީތަކުގައި އުގެނުމަށް ހިތްވަރުލިބޭ ގޮތްތައް ވަރަށް ބޮޑަށް ސުލޫކީ މައްސަލަތަކަށް ފިޔަވަޅު އެޅޭ ގޮތާއި، ދަރިވަރުގެ ވިސްނުން ބައްޓަންވެފައި ހުންނަ ގޮތާއި ގުޅިފައިވެއެވެ. ސައިކޮލޮޖިސްޓުންގެ ތެރެއިން ވަރަށް ގިނަ މީހުން، ޓީޗަރުންނަށް އިރުޝާދު ދޭ ގޮތުގައި ދަރިވަރުން ކުރާ ރަނގަޅު ކަންތައް ފާހަގަކޮށް އެކަންތައްތަކަށް ތައުރީފްކޮށް، ނުރަނގަޅު ކަންތައްތައް އަޅާ ނުލައި ދޫކޮށްލުމަކީ އެކުދިން އެ ރަނގަޅު އުސޫލު އިތުރަށް ވަރުގަދަކުރުމަށް ކުރެވޭނެ ވަރަށް މުޙިއްމު ކަމެކެވެ. ކޮގްނިޓިވް ލަރނިން ތިއަރީގައި ޕިއާޖޭގެ ބުނަނީ ކުއްޖާގެ ދަސްކުރުން އޮންނަނީ ހަރުފަތް ތަކަކަށް ބެހިފައި ކަމުގައެވެ.
ކޮންސްޓްރަކްޓިވިސްޓުން ގަބޫލުކުރާގޮތުގައި ފަރުދީ ތަރައްޤީ އަދި ދަސްކުރުން ބައްޓަންވަނީ އިޖުތިމާޢީ ގުޅުމާއި، ސަގާފީ އާލާތްތަކާއި ޙަރަކާތްތަކުގެ މައްޗަށެވެ. އެހެންކަމުން މިހުރިހާ ތިއަރީތަކުގެ އަލީގައި ކުދިންގެ އުނގެނުމާއި ސުލޫކު ރަނގަޅަށް ބައްޓަން ކުރުމަށްޓަކައި މުދައްރިސުން މި ތިއަރީތަކަށް އަހުލުވެރިވެ، މި ތިއަރީތަކުގެ ބޭނުންހިފުމަކީ އުނގަންނައިދިނުމުގެ ފެންވަރު ރަގަޅުވެގެންދާނޭކަމެއްކަން ޔަޤީނެވެ.

ކޮންސްޓްރަކްޓިވިސްޓް އުސޫލުތައް

މި ނަޒަރިއްޔާތުގައި އުނގެނުން މާނަކުރާގޮތުގައި އުނގެނުން ބިނާވަނީ ދަރިވަރުން އުފެދިބޮޑުވާ މަރުހަލާތަކާ ގުޅޭގޮތުން ވިސްނޭ ވިސްނުންތަކާއި އޭނާގެ ވަށައިގެންވާ މާހައުލުން ބަދަލުކުރެވޭ އިޖުތިމާޢީ ހަރަކާތްތެރިކަމުގެ މައްޗަށެވެ. އެހެންކަމުން، އޭނާގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް އައު އެއްޗެހި ދަސްކުރުމަށް މި ތިއަރީ އެހީތެރިވެދެއެވެ.
ކޮންސްޓްރަކްޓިވިސްޓް އުސޫލުތަކާ އެއްގޮތަށް މުދައްރިސުން ކިޔަވައިދޭއިރު ދަރިވަރުންނާ ސުވާލުކޮށް ތަފާތު މައްސަލަތައް އެ ދަރިވަރުންނަށް މެދުވެރިކުރުވާނެއެވެ. އޭގެފަހުގައި އެ މައްސަލަތައް ހައްލުކުރާނެ ތަފާތު އުކުޅުތަކާއި ގޮތްތަކަށް މަގު ދައްކައިދޭނެއެވެ. އެ ކުދިން އަމިއްލައަށް މައްސަލަ ހައްލުކޮށް ސުވާލުތަކަށް ޖަވާބު ހޯދުމަށް ފުރުޞަތު ދެވޭނެއެވެ. މިފަދަ ކުލާސް ރޫމެއްގައި ގައިޑެޑް ޑިސްކަވަރީކޮށާއި، އިންކުއަރީކޮށާއި، ކޯޕަރޭޓިވް ލާރިންގަށާއި ކުލާސްރޫމް ޑިސްކަޝަނަށް ފުރުޞަތު ދެވޭގޮތަށް އުނގެނުން ބައްޓަން ކުރާނެއެވެ.