Tuesday, May 14, 2013

ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތައް




ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތައް

    އެކި ކުދިންގެ ޤާބިލުކަން ހުންނާނީ އެކި މިންވަރަށެވެ. މިގޮތުން އުފެދުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަކުދިން އުޅޭނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެއެވެ. އެކަހަލަ ކުދިން އެކަހެރިކޮށްލުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ހަމައެހެންމެ ފެނުމާއި، އިވުމާއި، ޖިސްމާނީ، އަދި ނަފްސާނީ ގޮތުންވެސް ނުކުޅެދުންތެރިކަން ހުންނަކުދިން އަޅުގަނޑުމެންގެ ކްލާސްތަކުގައި ތަޢުލީމު ހާސިލުކުރަމުން ދެއެވެ. އެހެންކަމުން މިފަދަ ކުދިންނާ ދޭތެރޭ ކަންތައް ކުރަންޖެހޭނޭގޮތާއި އަދި ކްލާހުގެ އެހެންކުދިންވެސް އެކުއްޖާއާ ދޭތެރޭކަންތައް ކުރަންޖެހޭނެގޮތް އެ މުދައްރިސަކަށް ވަރަށް ރަނގަޅަށް އެނގެންޖެހެއެވެ.  
     މިކަހަލަ ކުދިންނަށްވެސް ރަނގަޅަށް ކުރެވޭ ކަންތައްހުންނާނެކަން ދަންނަން ޖެހެއެވެ. އެހެންކަމުން އެ ހުނަރަށް ތަޢުރީފުކޮށް ހިތްވަރު ދޭންވާނެއެވެ. ހަމައެހެންމެ މިފަދަ ކުދިންނަށް ނުކުރެވޭވަރުގެ ބޮޑެތި މަސައްކަތް ޙަވާލުކުރުމުން އެކުދިންނަށް އެ މަސައްކަތް ނުކުރެވޭނެއެވެ. މިފަދަ ޙާލަތްތަކުގައި ކުއްޖާ އަމިއްލައަށް ތިމާ މިއީ އެއްވެސް މީހެއް ނޫންކަމަށް ޤަބޫލުކުރެވޭ ތަން އަތުވެދާނެއެވެ. އެހެންކަމުން މިފަދަ ކުދިންނަށް ބޮޑެތި ފިލާވަޅުތައް ދިނުމުގެ ބަދަލުގައި އެކުއްޖާއާ އެކަށީގެންވާ މަސައްކަތެއް ކުރެވިދާނެއެވެ. އަދި ހަމަ އެހެންމެ މިފަދަ ކުދިންގެ މޯޓިވޭޝަން އިތުރުވާނޭގޮތަކަށް، ކެތްތެރިކަމާއެކު ރޭވުން މުހިއްމެވެ. ނަތީޖާ ނެރެވޭނީ އޭރުންނެވެ. މިފަދަ ކުދިންނަށްވެސް ޙާސިލުވާ މިންވަރު އިތުރުކުރެވޭނީ އޭރުންނެވެ. 

މޯޓިވޭޝަން


މޯޓިވޭޝަން ނުވަތަ ޝައުޤުވެރިކުރުވުމުގެ މި ނަޒަރިއްޔާތުގައި ވަނީ ސަމާލުކަން ހޯދައި، ޝައުޤުވެރިވާނޭފަދަ ގޮތަކަށް އުނގަންނައިދިނުން ބައްޓަންކުރެވޭނޭ ގޮތްތަކެވެ. މީގައި ދެ ވައްތަރެއްގެ ވެއެވެ. އެއްވައްތަރަކީ އޭނާގެ ހަށިގަނޑުގެ އެތެރޭގެ ބަހާތަކަކުން މޯޓިވޭޓްވުމެވެ. މިއަށް ކިޔަނީ އިންޓިރިންސިކް މޯޓިވޭޝަން އެވެ. އެއީ އޭނާ ހެދިބޮޑުވުމަށްޓަކައި ބޭނުންވާ ބޭނުންވުންތަކާއި، އޭނާ ބޭނުންވާކަންތައް ފުރިހަމަ ވެފައިހުރުމަށް ބޭނުންވާ ބޭނުންތަކާއި، އަމިއްލަ ނަފްސަށް ކަންކަން ކަނޑައެޅުމަށް ބޭނުންވާ ބޭނުންވުމެވެ. މިކަހަލަ ޝައުޤުވެރިކަމެއް ކުއްޖާގެ ކިބައިގައި އަށަގަނެއްޖެނަމަ ކޮންމެހެން އިނާމެއް ނުވަތަ އެހެންވެސް ހަދިޔާއެއް ނުލިބުނަސް އޭނާ ބޭނުންވާކަމެއް ކުރާނެއެވެ.
މީގެ ދެވަނަ ވައްތަރަކީ ޙާލަތާ ގުޅިފައިވާ ޝައުޤުވެރިކަމެވެ. މިއަށް ކިޔަނީ އެކްސްޓްރިންސިކް މޯޓިވޭޝަނެވެ. މިއީ އިނާމެއް ހޯދުން، މުދައްރިސުންގެ ރުހުން ހޯދުން ނުވަތަ އަދަބަކުން ސަލާމަތްވުން ފަދަ ކަންކަމުގެ ބޭނުމުގައި ކަމަކަށް ބަހައްޓާ ޝައުޤުވެރިކަމެވެ. 

ސޯޝަލް ކޮގްނިޓިވް ލާރނިން ތިއަރީ


ސޯޝަލް ކޮގްނިޓިވް ލާރނިންގ ތިއަރީގެ ތިއަރިސްޓެއް ކަމުގައިވާ ބަންދޫރާ ހާމަކުރައްވާފައިވާގޮތުގައި އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާ ގުޅޭގޮތުން އުފައްދާ އަސަރަކުން، ސުލޫކު ވަކިގޮތަކަށް ބަދަލުވުމެވެ. މި ތިއަރީގައި ބަންދޫރާ ފާހަގަކުރާ މައިގަނޑު ކޮންސެޕްޓަކީ "ރެސިޕްރޯކަލް ރިލޭޝަންޝިޕް" ނުވަތަ "ގުޅިލާމެހިފައިވާ ގުޅުން" މިއެވެ. މި ގުޅުމުގައިވާ މައިގަނޑު 3 ބައެއް، އެއްކަމެއް އަނެއް ކަމަކަށް އަސަރު ކުރުވައެވެ. އެއީ، މާހައުލާއި އެމީހެއްގެ ވިސްނުމާއި އޭނާގެ ޢަމަލެވެ.
މި ތިއަރީގައި ދަރިވަރުން އުނގެނެނީ ކޮޕީކޮށްގެންނާއި މޮޑެލިންގ ކޮށްގެންނާއި އެހެން މީހުންގެ ފުށުންނާއި (ވިކޭރިއަސް ލާރނިންގ) އަމިއްލައަށް ކަންކަން ބަލަހައްޓައިގެންނެވެ. އެހެންކަމުން، މި ތިއަރީ ވެފައިވަނީ ވަރަށް ބޮޑަށް ދަރިވަރު ޙާޞިލުކުރަން ބޭނުންވާ ގޯލާހަމައަށް ވާޞިލުވުމަށާއި އެހެން މީހުންނާ ގުޅިގެން އުޅެން ދަސްކުރުމަށް އެހީތެރިވެދޭ ތިއަރީއެއް ކަމުގައެވެ. ވީމާ، އުނގެނުން ކުރިއަށް ގެންދަންވާނީ މި ކަންކަމަށް ބިނާކޮށްގެންނެވެ. އަދި ހަވާލުކުރެވޭ މަސައްކަތްތައްވެސް ވާންޖެހޭނީ މި ކަންކަން ޙާޞިލުކުރުމަށް މަގުފަހިވާފަދަ މަސައްކަތްތަކަކަށެވެ.
މި ތިއަރީގައި ކުދިން އުނގެނޭ އެއް ގޮތްކަމުގައިވާ ސެލްފް ރެގިއުލޭޝަންގެ ސަބަބުން ދަރިވަރުން ޙާޞިލުކުރަން ބޭނުންވާ ގޯލާ ހަމައަށް ވާޞިލުވުމަށްޓަކައި ވިސްނުމާއި ސުލޫކު އަދި އިހުސާސްތައް ވަކިގޮތަކަށް ކޮންޓްރޯލު ކުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން، އުނގެނުމުގެ ތަފާތު ހުނަރުތަކާއި އަމިއްލަ ނަފުސު ކޮންޓްރޯލު ކުރުމުގެ ޤާބިލުކަންލިބި، އެކުދިންގެ ކިބައިގައި ކިޔެވުމުގެ ހުނަރާއި އުނގެނުމުގެ ޢަޒުމު އަށަގަނެއެވެ.

Saturday, May 11, 2013

ބިހޭވިއަރަލް ލާނިންގ ތިއަރީ


ބިހޭވިއަރަލް ލާރނިންގ ތިއަރިސްޓުން ނުވަތަ ސްލޫކީ އުނގެނުމުގެ ނަޒަރިއްޔާތުގެ ޢިލްމުވެރިން ހާމަކުރާ ގޮތުގައި އުނގެނުމަކީ މާހައުލުން އުނގެނޭ ފަރާތަށް ކުރުވާ އަސަރެއްގެ ނަތީޖާގެ ސަބަބުން ބޭރު ފުށުން ހާމަވެ ފާޅުވާ ދާއިމީ ބަދަލެކެވެ. މި ނަޒަރިއްޔާތުގެ ޢިލްމުވެރިން ހާމަކޮށްފައިވާގޮތުގައި ކުއްޖާގެ އުޅުމަށް ބަދަލު ގެނުވޭ 2 ގޮތެއް ވެއެވެ. އެއީ، ކުލެސިކަލް ކޮންޑިޝަނިންގގެ ތެރެއިންނާއި އޮޕަރަންޓް ކޮންޑިޝަނިންގގެ ތެރެއިންނެވެ.

ކުލެސިކަލް ކޮންޑިޝަނިންގއަކީ އިވާން ޕެވްލޯވު (1936-1946) ގެ ތަޖުރިބާތަކުން ތަޢާރަފުކޮށްފައިވާ މޮޑެލެކެވެ. ޚާއްޞަގޮތެއްގައި މި މޮޑެލްގައި އަންގައިދެނީ ދެ ސްޓިމިއުލައިއެއް އެކަތި އަނެކައްޗާ ގުޅިގެން ފާޅުވާ ނަތީޖާ ނުވަތަ ރެސްޕޯންސް ހިނގާ ގޮތެވެ. އެހެންކަމުން، މި ރައްދުތައް ވެފައި ވަނީ މީހެއްގެ އަމިއްލަ ބާރު ހިނގުމެއް ނެތި ލާއިރާދީކޮށް އަންނަ ރައްދުތަކެއްގެގޮތުގައެވެ.
 ބީ އެފް ސްކިނަރ ގެ "އޮޕަރަންޓް ކޮންޑިޝަނިންގ" މި މަފުހޫމުގައި ވާ ގޮތުން، އުނގެނުން ބިނާވެފައި ވަނީ އެކަމަށް އަސަރުކުރުވާ ކަމެއްގެ ނަތީޖާއެއްގެ ސަބަބުންނާއި، އެކަމަށް އަސަރުކުރުވާ ކަންތައްތަކެއްގެ ސަބަބުންނެވެ. އެގޮތުން، އުނގެނުމަށް އަސަރުކުރުވާ ކަންތައްތަކުގެ ތެރޭގައި ތަރުހީބު ދިނުމާއި (ވަކިކަހަލަ ބިހޭވިއަރއެއް އިތުރުވުމަށް ނެގެޓިވް އަދި ޕޮޒިޓިވް ރެއިންފޯސްމެންޓް ދިނުމާއި)، އަދަބު ދިނުން (ވަކިކަހަލަ ބިހޭވިއަރއެއް ދަށްކުރުމަށް ޕޮޒިޓިވް އަދި ނެގެޓިވް ޕަނިޝްމަންޓް ދިނުން) ހިމެނެއެވެ.
އުނގަންނައި ދިނުމުގައި މި ތިޔަރީގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމުގައި ބިހޭވިޔަރިސްޓުން ނުވަތަ ސްލޫކީ އުނގެނުމުގެ ނަޒަރިއްޔާތުގެ ޢިލްމްވެރިން ހާމަކުރެއެވެ. މިގޮތުން ދަރިވަރުންނަށް ސަމާލުކަން ދިނުމާއި، އެ ކުދިން ކުރާ ކަންތައްތަކަށް ތަޢުރީފު ކުރުމާއި، ޕްރިމެކް ޕްރިންސިޕަލްއާއި، ބައްޓަން ކުރުމާއި، ޕޮޒިޓިވް ޕްރެކްޓިސް ހިމެނެއެވެ.
މި ތިއަރީއިން ފާހަގަކޮށްލެވެނީ ވަކިކަހަލަ ހުނަރެއް ނެތް ދަރިވަރެއްވެސް، ވަކިގޮތަކަށް މުދައްރިސް އެ ދަރިވަރު ހާނުވައިގެން އެ ހުނަރެއް އޭނާގެ ކިބައިގައި އަށަގެންނެވިދާނެކަމެވެ.  މިސާލަކަށް، "ބައްޓަން ކުރުން ނުވަތަ ޝޭޕިންގ" ގެ އެހީގައި ފިޔަވަޅު ތަކަކަށް ބަހައިލައިގެން، ވާހަކަލިޔަން ނޭނގޭ ދަރިވަރަށް ވާހަކަ ލިޔަން ދަސްކޮށްދެވިދާނެއެވެ. 

ކޮގްނިޓިވި ލަރނިންގ ތިއަރީ


އުނގެނުން ބިނާ ވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވައި ލެވިގެންކަމަށް ޕިއާޖޭ ހާމަކުރައްވައެވެ. މި ތިއަރީގެ މައިގަނޑު މޮޑެލަކީ އިންފޮމޭޝަން ޕްރޮސެސިން ތިއަރީ (އައި ޕީ ޓީ) ނުވަތަ އިންފޮމޭޝަން ޕްރޮސެސިންގ މޮޑެލް (އައި ޕީ އެމް) އާއި މި ވިސްނުމުގައި މާހައުލުން މަޢުލޫމާތު ވަންނަ ތިން ޖާގައެއް (މެމޮރީ) ހިމެނެއެވެ. އެއީ، މައުލޫމާތު އަލަށް ރަޖިސްޓްރީ ކުރެވޭ ތަން (ސެންސަރީ ރެޖިސްޓަރ) އާއި މަޢުލޫމާތު ބޭނުން ކުރެވޭ ތަނާ (ވާރކިންގ މެމޮރީ) އާއި މަޢުލޫމާތު ދިގު މުއްދަތަށް ރައްކައު ކުރެވޭ ތަން (ލޯންގް ޓާރމް މެމޮރީ)އެވެ.
ސިކުނޑީގައިވާ މަޢުލޫމާތު ރަޖިސްޓަރ ކުރާތަން (ސެންސަރީ ރެޖިސްޓަރ) ގައި، ދަރިވަރުންނަށް ކިޔަވައިދޭއިރު ޚާއްޞަކޮށްލެވޭ ތަފާތު މަޢުލޫމާތުތައް އޮޅުން ފިލުވައިދިނުމުގައި ސަމާލުކަން ހޯދައި އަދި އެ  ސަމާލުކަން ދެމެހެއްޓުމުގެ މުހިއްމުކަން ވަރަށް ބޮޑަށް މި މޮޑެލުގައި ބަޔާންކޮށްފައިވެއެވެ. އުނގެނުން މާނަ ހުރި އެއްޗަކަށް ވަނީ ކުރިން އެނގިފައިވާ އެއްޗަކާއި އަލަށް އެނގޭ އެއްޗެހި ގުޅުވައިލެވާލައިގެންނެވެ.


މިތިއަރީގެ ސަބަބުން ކުދިންގެ އުނގެނުން އިތުރަށް ފުރިހަމަކޮށްދެއެވެ. މިގޮތުން، ކުދިން އަމިއްލަ ވިސްނުމުން އެނގިފައިވާ ކަމަކާ ގުޅުވައިގެން ދަސްކޮށް، ކިޔައި މުރާޖަޢާކޮށްގެން (ރިހާސަލް)، ތަފާތު ނަންނަން ދީގެން، ކަންކަމާއި ގުޅުވައިގެން (އެންކޯޑިންގ) އަދި ހަނދާނަށް ގެނެސްގެން (ރިޓިރީވަލް) އުނގެނެއެވެ. މިއީ އެންމެ އާންމުކޮށް ކުދިން ބޭނުންކުރާ ގޮތްތަކެވެ. ހަމައެހެންމެ މިނޫން ގޮތްގޮތަށްވެސް ކްލާސްރޫމުގައި މި ތިއަރީގެ ބޭނުންހިފިދާނެއެވެ.
މި ތިއަރީގައި ދަރިވަރުންނަށް ކުރިން އެނގިފައިވާ މަޢުލޫމާތާއި ފަހުން އެނގޭ މަޢުލޫމާތު ގުޅުވައިގެން މަޢުލޫމާތުތައް ފަރިތަކުރުމަށް މަގުފަހިކޮށް ދިނުމާއެކު މުހިއްމު ޕޮއިންޓްތައްދީ، ރޭވިގެން ތަރުތީބުން ގެންދެވޭ ބައިތަކެއްގެގޮތުގައި މަސްހުނި ނުކޮށް ކިޔަވައިދެވެއެވެ. އަދިހަމައެހެންމެ ވާރކިންގ މެމޮރީއަށް މަޢުލޫމާތެއް ވަނުމަށްފަހު ހަނދާނަށް ގެންނާނެ ތަފާތު ގޮތްތަކާ ގުޅުވައިގެން މަޢުލޫމާތުތައް ދަސްކުރުމަށް ފުރުޞަތުދެވޭކަންވެސް ފާހަގަކޮށްލެވެއެވެ.