Tuesday, May 14, 2013

ސޯޝަލް ކޮގްނިޓިވް ލާރނިން ތިއަރީ


ސޯޝަލް ކޮގްނިޓިވް ލާރނިންގ ތިއަރީގެ ތިއަރިސްޓެއް ކަމުގައިވާ ބަންދޫރާ ހާމަކުރައްވާފައިވާގޮތުގައި އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާ ގުޅޭގޮތުން އުފައްދާ އަސަރަކުން، ސުލޫކު ވަކިގޮތަކަށް ބަދަލުވުމެވެ. މި ތިއަރީގައި ބަންދޫރާ ފާހަގަކުރާ މައިގަނޑު ކޮންސެޕްޓަކީ "ރެސިޕްރޯކަލް ރިލޭޝަންޝިޕް" ނުވަތަ "ގުޅިލާމެހިފައިވާ ގުޅުން" މިއެވެ. މި ގުޅުމުގައިވާ މައިގަނޑު 3 ބައެއް، އެއްކަމެއް އަނެއް ކަމަކަށް އަސަރު ކުރުވައެވެ. އެއީ، މާހައުލާއި އެމީހެއްގެ ވިސްނުމާއި އޭނާގެ ޢަމަލެވެ.
މި ތިއަރީގައި ދަރިވަރުން އުނގެނެނީ ކޮޕީކޮށްގެންނާއި މޮޑެލިންގ ކޮށްގެންނާއި އެހެން މީހުންގެ ފުށުންނާއި (ވިކޭރިއަސް ލާރނިންގ) އަމިއްލައަށް ކަންކަން ބަލަހައްޓައިގެންނެވެ. އެހެންކަމުން، މި ތިއަރީ ވެފައިވަނީ ވަރަށް ބޮޑަށް ދަރިވަރު ޙާޞިލުކުރަން ބޭނުންވާ ގޯލާހަމައަށް ވާޞިލުވުމަށާއި އެހެން މީހުންނާ ގުޅިގެން އުޅެން ދަސްކުރުމަށް އެހީތެރިވެދޭ ތިއަރީއެއް ކަމުގައެވެ. ވީމާ، އުނގެނުން ކުރިއަށް ގެންދަންވާނީ މި ކަންކަމަށް ބިނާކޮށްގެންނެވެ. އަދި ހަވާލުކުރެވޭ މަސައްކަތްތައްވެސް ވާންޖެހޭނީ މި ކަންކަން ޙާޞިލުކުރުމަށް މަގުފަހިވާފަދަ މަސައްކަތްތަކަކަށެވެ.
މި ތިއަރީގައި ކުދިން އުނގެނޭ އެއް ގޮތްކަމުގައިވާ ސެލްފް ރެގިއުލޭޝަންގެ ސަބަބުން ދަރިވަރުން ޙާޞިލުކުރަން ބޭނުންވާ ގޯލާ ހަމައަށް ވާޞިލުވުމަށްޓަކައި ވިސްނުމާއި ސުލޫކު އަދި އިހުސާސްތައް ވަކިގޮތަކަށް ކޮންޓްރޯލު ކުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން، އުނގެނުމުގެ ތަފާތު ހުނަރުތަކާއި އަމިއްލަ ނަފުސު ކޮންޓްރޯލު ކުރުމުގެ ޤާބިލުކަންލިބި، އެކުދިންގެ ކިބައިގައި ކިޔެވުމުގެ ހުނަރާއި އުނގެނުމުގެ ޢަޒުމު އަށަގަނެއެވެ.

No comments:

Post a Comment