Saturday, May 11, 2013

ބިހޭވިއަރަލް ލާނިންގ ތިއަރީ


ބިހޭވިއަރަލް ލާރނިންގ ތިއަރިސްޓުން ނުވަތަ ސްލޫކީ އުނގެނުމުގެ ނަޒަރިއްޔާތުގެ ޢިލްމުވެރިން ހާމަކުރާ ގޮތުގައި އުނގެނުމަކީ މާހައުލުން އުނގެނޭ ފަރާތަށް ކުރުވާ އަސަރެއްގެ ނަތީޖާގެ ސަބަބުން ބޭރު ފުށުން ހާމަވެ ފާޅުވާ ދާއިމީ ބަދަލެކެވެ. މި ނަޒަރިއްޔާތުގެ ޢިލްމުވެރިން ހާމަކޮށްފައިވާގޮތުގައި ކުއްޖާގެ އުޅުމަށް ބަދަލު ގެނުވޭ 2 ގޮތެއް ވެއެވެ. އެއީ، ކުލެސިކަލް ކޮންޑިޝަނިންގގެ ތެރެއިންނާއި އޮޕަރަންޓް ކޮންޑިޝަނިންގގެ ތެރެއިންނެވެ.

ކުލެސިކަލް ކޮންޑިޝަނިންގއަކީ އިވާން ޕެވްލޯވު (1936-1946) ގެ ތަޖުރިބާތަކުން ތަޢާރަފުކޮށްފައިވާ މޮޑެލެކެވެ. ޚާއްޞަގޮތެއްގައި މި މޮޑެލްގައި އަންގައިދެނީ ދެ ސްޓިމިއުލައިއެއް އެކަތި އަނެކައްޗާ ގުޅިގެން ފާޅުވާ ނަތީޖާ ނުވަތަ ރެސްޕޯންސް ހިނގާ ގޮތެވެ. އެހެންކަމުން، މި ރައްދުތައް ވެފައި ވަނީ މީހެއްގެ އަމިއްލަ ބާރު ހިނގުމެއް ނެތި ލާއިރާދީކޮށް އަންނަ ރައްދުތަކެއްގެގޮތުގައެވެ.
 ބީ އެފް ސްކިނަރ ގެ "އޮޕަރަންޓް ކޮންޑިޝަނިންގ" މި މަފުހޫމުގައި ވާ ގޮތުން، އުނގެނުން ބިނާވެފައި ވަނީ އެކަމަށް އަސަރުކުރުވާ ކަމެއްގެ ނަތީޖާއެއްގެ ސަބަބުންނާއި، އެކަމަށް އަސަރުކުރުވާ ކަންތައްތަކެއްގެ ސަބަބުންނެވެ. އެގޮތުން، އުނގެނުމަށް އަސަރުކުރުވާ ކަންތައްތަކުގެ ތެރޭގައި ތަރުހީބު ދިނުމާއި (ވަކިކަހަލަ ބިހޭވިއަރއެއް އިތުރުވުމަށް ނެގެޓިވް އަދި ޕޮޒިޓިވް ރެއިންފޯސްމެންޓް ދިނުމާއި)، އަދަބު ދިނުން (ވަކިކަހަލަ ބިހޭވިއަރއެއް ދަށްކުރުމަށް ޕޮޒިޓިވް އަދި ނެގެޓިވް ޕަނިޝްމަންޓް ދިނުން) ހިމެނެއެވެ.
އުނގަންނައި ދިނުމުގައި މި ތިޔަރީގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމުގައި ބިހޭވިޔަރިސްޓުން ނުވަތަ ސްލޫކީ އުނގެނުމުގެ ނަޒަރިއްޔާތުގެ ޢިލްމްވެރިން ހާމަކުރެއެވެ. މިގޮތުން ދަރިވަރުންނަށް ސަމާލުކަން ދިނުމާއި، އެ ކުދިން ކުރާ ކަންތައްތަކަށް ތަޢުރީފު ކުރުމާއި، ޕްރިމެކް ޕްރިންސިޕަލްއާއި، ބައްޓަން ކުރުމާއި، ޕޮޒިޓިވް ޕްރެކްޓިސް ހިމެނެއެވެ.
މި ތިއަރީއިން ފާހަގަކޮށްލެވެނީ ވަކިކަހަލަ ހުނަރެއް ނެތް ދަރިވަރެއްވެސް، ވަކިގޮތަކަށް މުދައްރިސް އެ ދަރިވަރު ހާނުވައިގެން އެ ހުނަރެއް އޭނާގެ ކިބައިގައި އަށަގެންނެވިދާނެކަމެވެ.  މިސާލަކަށް، "ބައްޓަން ކުރުން ނުވަތަ ޝޭޕިންގ" ގެ އެހީގައި ފިޔަވަޅު ތަކަކަށް ބަހައިލައިގެން، ވާހަކަލިޔަން ނޭނގޭ ދަރިވަރަށް ވާހަކަ ލިޔަން ދަސްކޮށްދެވިދާނެއެވެ. 

No comments:

Post a Comment